× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެންމެ ފަހުން ނިއު އަށް ފީފާގެ ސަސްޕެންޝަނެއް

24 މޭ 2019

މާލެ، ދިވެހިރާއްޖެ - މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތަށް ނިއު ރޭޑިއަންޓަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެ ކްލަބް ސަސްޕެންޑް ކޮށްފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް ކޮޕީ ލިބިފައިވާ އެ ސިޓީ ނިއުގެ ބޯޑް މެމްބަރ ޒިޔާމްގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ އަށް އީމެއިލް ކޮށްފައިވާއިރު ސިޓީގައި ބުނެފައިވަނީ ފިފާގެ ޑިސްޕިއުޓް ރިސޮލިއުޝަން ޗެމްބަރ އިން މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އަމީރީ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ 45 ދުވަސް ތެރޭގައި ދައްކާފައިވާކަމުގެ ހެކި ފީފާއަށް ހުށައެޅުމަށް މި މަހުގެ 15 ވަނަ ދުވަހު އެ ކްލަބްގެ އިތުރުން އަމީރީ އަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

އަދި އެ ފައިސާ އެ ގޮތަށް ދައްކާފައިނުވާކަން ސާބިތުވުމުން ކުރިން ނިންމާފައިވާ ގޮތަށް ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއު ރޭޑިއަންޓަށް ބިދޭސީ އަދި ދިވެހި އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. އަދި އެ ސަސްޕެންޝަން އުވާލެވޭނީ އަމީރީ އަށް ދޭން ޖެހޭ ފައިސާ ދެއްކުމުން ކަމަށްވެސް ފީފާ އިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

މުސާރައިގެ މައްސަލަ އަމީރީ ފީފާއަށް ހުށައެޅުމުން މުސާރައިގެ ގޮތުގައި އޭނާއަށް ދޭން ޖެހޭ 13،250 ޑޮލަރު އަދި ގަވާއިދާ ހިލާފަށް ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީވެ 30،130 ޑޮލަރުގެ އިތުރުން %5 އިންޓަރެސްޓް ދިނުމަށް ފީފާއިންވަނީ ނިއު އަށް އަންގާފައެވެ.

މޯލްޑިވްސްފުޓްބޯލް އަށް ވާހަަކަ ދައްކަމުން އަމީރީ މިރޭ ބުނީ އޭނާ ކުރިންވެސް ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން މިހާރު އެންމެނަށް ސާފުވެފައިވާ ކަމަށާއި އެކި ފަހަރު މަތިން މުސާރަ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވުމުން އެ މައްސަލަ ފީފާއަށް ހުށައެޅީ ކަމަށެވެ.

މީގެ އިތުރުން ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްގެ މުސާރަ ދޭން ވެސް އެ ކްލަބަށް އަންގާފައެވެ. އެއީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަ ކުރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް ގެއްލުނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓަށް ދީފައިވާ ސަސްޕެންޝަނުގެ ސަބަބުންނެވެ. ދިވެހި 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާގެ މައްސަލަތަކެއް ކުޅުންތެރިން އެފްއޭއެމް އަށް ހުށައެޅުމުން އެފްއޭއެމްގެ ޕްލޭޔަރސް ސްޓޭޓަސް ކޮމިޓީން އެ މައްސަލަތައް ބެލުމަށްފަހު ކްލަބަށް މުހުލަތުތަކެއްވަނީ ދީފައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނައުމުން އެފްއޭއެމްގެ ހިންގާ ކޮމިޓީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި މިދިޔަ މާޗް މަހު އޮތް އެފްއޭއެމްގެ ކޮންގްރެސް އިންވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށް ފާސްކޮށްފަ އެވެ. ވޯޓްގައި ބައިވެރިވި 14 ކްލަބްގެ ތެރެއިން 12 ކްލަބުން ވޯޓުދިނީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ނިއު ރޭޑިއަންޓާއި އެއްކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިބަދޫ އެވެ.

Copyright © 2024 Maldives Football