× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވިކްޓަރީ އަތުން ޓީސީ އަށް ފަސޭހަ މޮޅެއް

15 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާދު ދިވެހި ޕްރިމިއާ ލީގުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް އާއި ވިކްޓަރީ ބައްދަލު ކުރި މެޗް 4-0 ގެ ނަތީޖާއަކުން ޓީސީން ކާމިޔާބުކޮށްފި އެވެ.

މި މެޗްގައި ޓީސީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހިމް ޝަފްރާޒް ކާމިޔާބުކޮށްދިން އިރު އަނެއް ދެ ލަނޑަކީ މުހައްމަދު އަޖުފާން އާއި އިބްރާހިމް އަތީގް ކާމިޔާބުކޮށްދިން ދެ ލަނޑެވެ.

މެޗްގެ 13 ވަނަ މިނިޓްގައި ވިކްޓަރީ އަށް ވަނީ ނަތީޖާ ބަދަލުކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. ޓީސީ ގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޒާހިދު އިބްރާހިމް ފޮނުވާލި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.

ޓީސީން މި މެޗްގައި ލީޑު ނަގާފައިވަނީ މެޗްގެ 17 ވަނަ މިނިޓްގައި އިބްރާހިމް ޝަފްރާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސާމިރު ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

ޝަފްރާޒް ވަނީ މެޗްގ 41 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިސްމާއިލް އީސާ ނަގައިދިން ކޯނަރު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ވިކްޓަރީގެ ޓީމަށް ވަނީ ބަދަލެއް ގެނެސްފައެވެ. އަލީ އިލްމާންގެ ބަދަލުގައި ޖައިޝަމް ކުޅެން އެރުވިތާ ގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މުހައްމަދު އަޖުފާން ވަނީ އީސަ ޖައްސާލި ބޯޅައަކުުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ އޭރިޔާ ތެރެއަށްވަދެ އިބްރާހިމް އަތީގު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ޓީސީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ފޯކައިދޫ އެވެ. މިރޭ މެޗް ފެށުމުގެ ކުރިން ޕްރިމިއާ ލީގު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

Copyright © 2024 Maldives Football