× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމް އިން ކްލަބްތަކަށް ފައިސާ ދޫކުރަން ފަށައިފި

09 ސެޕްޓެމްބަރ 2020

މާލެ، ދިވެހިރާއްޖެ - ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ދޭން ވައުދުވެފައިވާ ފައިސާ އެ އިދާރާ އިން ކްލަބްތަކަށް ދޫކުރަން ފަށައިފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބްތަކުން ސީޒަނަށް ތައްރާރުވުމުގެ ގޮތުގައި ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކްލަބްތަކަށް 500،000 (ފަސް ލައްކަ) ރުފިޔާ މިހާރުވަނީ ދޫކޮށްފަ އެވެ.

ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ނަމުގައި އެފްއޭއެމް އިން ޕްރޮގްރާމްއެއް ފަށާ މި އަހަރުގެ ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކާއިއެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަނެއްހާ ރުފިޔާ ދޭން ނިންމާފައިވާއިރު، އެކަން ކުރާނީ ބަހާލައިގެން ވަކި ކަންތައްތަކެއް ފުރިހަމަވުމުން ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އެގޮތުން ފައިސާ ދޭން ނިންމާފައިވަނީ ލީގުގެ ކޮންމެ ބުރަކަށާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެގްރީމެންޓްގައި ހިމެނޭ ވަކި ކަންތައްތަކެއް ފުރިހަމަވަމުންދާ މިންވަރަށް ބެލުމަށް ފަހުގައެވެ.

އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓް ބިނާވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށެވެ. އެއީ ކްލަބް ލައިސަންސިން، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމަންޓް، ކްލަބް މެނޭޖްމަންޓް، ކްލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓްސް، ސީއެސްއާރް އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް އެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ އަދި މިިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް ވެލެންސިއާ އެވެ.

Copyright © 2024 Maldives Football