ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެ ސެމީގެ ފުރުސަތު ހަނިވެއްޖެ
ރާއްޖެ އާއި ކޮމޮރޮސް މިއަދު ބައްދަލު ބައްދަލު ކުރި މެޗްގެ ތެރެއިން (ފޮޓޯ: އެމްއޯސީ)

ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެ ސެމީގެ ފުރުސަތު ހަނިވެއްޖެ

އެމްއެފް ނިއުސް20 ޖުލައި 2019 19:11

ޕޯޓް ލުއިސް، މޮރިޝަސް - މޮރިޝަސް ގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ މިއަދު ކޮމޮރޮސް އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ ސެމީ ފައިނަލުގެ ފުރުސަތު ހަނިވެއްޖެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެފައިވާއިރު މިއަދު މެޗަކީ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް މުހިންމު މެޗެކެވެ. ނަމަވެސް މެޗް ފެށުނީއްސުރެ ކޮމޮރޮސް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.

މޮރިޝަސްގެ ޖޯޖް ވީ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގެ 29 ވަނަ މިނިޓްގައި ކޮމޮރޮސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. އަދި އޭގެ 8 މިނިޓް ފަހުން ކޮމޮރޮސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗްގައި ކޮމޮރޮސް އިން ޖެހި ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު މި ހާފްގައި ކޮމޮރޮސް އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ރާއްޖޭގެ ކޯޗް ޕީޓަރ ސެގަޓް ވަނީ އިބްރާހިމް މަހުދީ އާއި އަލީ ފާސިރު ކުޅެން އަރުވާފައެވެ. ނަމަވެސް ވަރުގަދަ ކޮމޮރޮސްގެ ގޯލު ފޫއަޅުވާލުމަށް ދިވެހި ކުޅުންތެރިންނަށްވަނީ ނުކުޅެދިފަ އެވެ.

2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޮސް އާއި ރާއްޖެ ބައްދަލުކުރި މެޗް ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ރާއްޖެއަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގައި މަޔޮޓޭ އާއި ދެކޮޅަށް ކުޅޭ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ކޮމޮރޮސް އާއި ރީޔޫނިއަން ބައްދަލުކުރާ މެޗުން ރީޔޫނިއަން މޮޅުވެގެންނެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ މަޔޮޓޭ އާއި ދެކޮޅަށެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016 Maldivesfootball.com