× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އެފްއޭއެމް ގައި 23 އަހަރު، ރަގަޅު ކުރެވޭނީ ޤާނޫނު އިސްލާހު ކުރެވިގެން

04 ޑިސެމްބަރ 2022

ކުޑައިރުއްސުރެ ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުރި ހުސެއިން ޖަވާޒް (ޖަވާ) ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅުނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އެ އިދާރާ ހިންގަމުން އައި އިރު ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ (ޓްރޭނީ) އެއްގެ ގޮތުގައި 1999 ވަނަ އަހަރު އެވެ.

"އޭރުވެސް އުންމީދުކުރި ނުވަތަ ބޭނުންވި މަޤާމުގައި އޭގެ 23 އަހަރު ފަހުން މިހުރީ" މޯލްޑިވްސްފުޓްބޯލް އާާއި ވާހަކަ ދައްކަމުން ޖަވާ ވިދާޅުވިއެވެ.

ދިވެހި ފުޓްބޯޅަ އަށް ޚިދުމަތް ކުރުމުގެ ހެޔޮ ނިޔަތުގައި މީގެ 23 އަހަރު ކުރިން އެފްއޭއެމް އާއި ގުޅުނު ޖަވާ ވަނީ އެ އިދާރާގެ އެކި ފަންތީގެ މަޤާމުތައް އަދާކުރިއިރު ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފަ އެވެ. އިދާރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި ކްލަބްތަކުގެ ހިންގުމާއި މާލީ ގޮތުން ދިމާވާ ދަތިތަކާއި މިފަދަ އެތައް ކަމެއް އޭނާ ފާހަގަ ކުރެއެވެ.

ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްފަހު އެނބުރި އައިތާ ގިނަ އަހަރުތަކެއް ނުވެ ޖަވާއަށް ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު ލިބިފައެވެ.

ޖަވާ ފާހަގަ ކުރި ގޮތުގައި ކުޅިވަރު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުޅިވަރުގެ ޤާނޫނު އިސްލާހުކޮށް ފާސް ކުރުމެވެ.

"ހުރިހާ ކަމެއްވެސް ހައްލު ކުރެވެން އޮތީ ޤާނޫނު އިސްލާހުކޮށް ފާސް ކުރެވިގެން. އޭރުން ކްލަބްތަކުގެ ހިންގުމާއި އެސޯސިއޭޝަންގެ ހިންގުމުގެ އިތުރުން ވަރަށް ގިނަ ކުޅިވަރާއި ގުޅުން ހުރި ކަންތައްތަކަށް ހައްލެއް ލިބިގެންދާނެ." ޖަވާ ވިދާާޅުވިއެވެ.

"އެންމެ ފަހުން ފާސްކުރި އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި ބުނާ ކަންތައްތައްވެސް ނުވެގެން މިއުޅެނީ އެކަމާއިހުރެ. ކޮންފެޑަރޭޝަނެއްގެ ގޮތުގައި އެފްއޭއެމް ހިންގޭނީ އޭގެ ދަށުން އިތުރު އެސޯސިއޭޝަންތަކެއް ހެދިގެން. އެކަން އެގޮތަށް ކުރެވެން ނެތް މިހާރު އޮތް ޤާނޫނުގެ ދަށުން." ޖަވާ އިތުރަށް ވިދާޅުވިއެވެ.

jawaz

ޖަވާ ވިދާޅުވީ އެފްއޭއެމް އިން ވެސް ގޯހެއް ހަދާނަމަ ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް އުޅޭނަމަ އެ މައްސަލައެއް ބަލަން ނުވަތަ ސާފު ކުރަން ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކެއް ހުންނަ ކަމަށާއި އެކަންތައްތައް ފުރިހަމަ ކުރުމުން އިތުރު މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ.

"ބައެއް ފަރާތްތަކުން މި ބުނަނީނު އެފްއޭއެމް އަކީ އަތް ނުލެވޭ ތަނެކޭ. ނޫން، އެފްއޭއެމް ގައިވެސް އަތްލެވޭނެ. މައްސަލައެއް އުޅޭނަމަ ލޯކަލް އާބިޓްރޭޝަން ނިންމާފަ، އެ ނިންމުމާއިމެދު ހިތްހަމަ ނުޖެހޭނަމަ އޭއެފްސީ އާއި ފީފާގެ އިތުރުން އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށްވެސް ދެވޭނެ. މިހާރު މައްސަލައަކީ ލޯކަލް އާބިޓްރޭޝަނެއްވެސް ނެތީ" ޖަވާ ވިދާޅުވި އެވެ.

ފުޓްބޯޅަ ކުރިއަރާނީ ކްލަބް ތަކުގެ ހިންގުން ހަރުދަނާވެ ކްލަބްތަކުގެ ފެންވަރު ރަގަޅު ވެގެން ކަމަށް ހުރިހާ ފަރާތްތަކުންވެސް ޤަބޫލުކުރެއެވެ. އެގޮތުން ކްލަބްތަކުގެ މެމްބަރޝިޕް ހަރުދަނާ ކުރުމާއި މެމްބަރުންނަށް ލިބޭނެ ފައިދާ ތަކާއި މި ހުރިހާ ކަމެއް ގާނޫނަކުން ނުވަތަ ގަވާއިދަކުން ސާފުވާންވާނެ އެވެ.

އެފްއޭއެމް ގައި ޖަވާ ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ފުޓްބޯޅައިން ރާއްޖެ ވަނީ ދެ ފަހަރު މަތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ. އޭގެ ތެރެއިންވެސް ޖަވާ އަށް ހާއްސަ ވަނީ 2018 ވަނަ އަހަރު އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ހުރެ ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލުމެވެ. މީގެ އިތުރުން ޖަވާ ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރި ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކޮށްފަ އެވެ.

jawaz

ޖަވާ ގަބޫލުކުރާ ގޮތުގައި ކުރިން ދިވެހި ފުޓްބޯޅައިގައި އޮތް ފޯރި ބަދަލުވެގެން އައި އެންމެ ބޮޑު ސަބަބަކީ އިޖުތިމާއީ ގޮތުން މީހުންގެ ދިރިއުޅުމަށް އައި ބަދަލާއިއެކު ކްލަބް ތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ނުލިބުމެވެ.

"ކުރިން ބޯޅައިގެ ފޯރި ގަދަކޮށް އޮތް އިރު މި އޮންނަ ގޮަތަކީ ސަރުކާރުން ޓިކެޓް ވިއްކާފަ ކްލަބްތަކަށް އެއްޗެއް މިދެނީ. ނަމަވެސް މިއައި ސޯޝަލް ޗޭންޖަސް ތަކާއިއެކު ކްލަބްތަކަށް ނެތް ފުރުސަތުތަކެއް އެމީހުން އެކްސްޕޭންޑް ވާކަށް. އެކަމުގެ ތެރެއިން އައި ގެޕެއް މިއީ. އަދިވެސް ޤާނޫނަކު ނެތް ކްލަބްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތެއް." ފުޓްބޯޅަ އަށް އައި ބަދަލާއި ގުޅޭ ގޮތުން ޖަވާ ވިދާޅުވިއެވެ.

Copyright © 2024 Maldives Football