ދިވެހި ފުޓްބޯޅަ 15 އަހަރު ފަހަތަށް؟
އެފްއޭއެމް ގެ ރައީސް ބައްސާމް އާއި ގައުމީ ޓިމުގެ ކޯޗް ޑަރެން ސްޓެވާޓް (ފޮޓޯ: އިބްރާހިމް ފާއިދު)

ދިވެހި ފުޓްބޯޅަ 15 އަހަރު ފަހަތަށް؟

މޯލްޑިވްސް ފުޓްބޯލް15 ނޮވެމްބަރ 2017 21:09

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ފަލަސްތީން އަތުން 8-1 އިން ދިވެހިރާއްޖެ ބަލިވުމަކީ ފާއިތުވި 15 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު ނެރުނު އެންމެ ދަށް ނަތީޖާ އެވެ. އަދި ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމާއި، އެކި އުމުރު ފުރައިގެ ޖޫނިއާ ޓީމުތަކުން ނެރިފައިވާ ނަތީޖާތަކާއެކު، ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ފާޑުކިއުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ވަނީ އަމާޒުވެފަ އެވެ. އެފްއޭއެމް އިން ގަބޫލް ނުކުރިޔަސް، މި ފަހަކަށް އައިސް ގައުމީ ޓީމުތަކުން ނެރިފައިވާ ނަތީޖާތަކަކީ ލަދުގަންނަން ޖެހޭ ވަރުގެ ނަތީޖާތަކެކެވެ.

މީގެ އަހަރުތަކެއް ކުރިން، ރާއްޖޭގެ ގައުމީ ޓީމު ވަނީ ފަލަސްތީނަށްވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެފަ އެވެ. އޭޝިއާގެ އެންމެ ވަރުގަދަ އެއް ޤައުމު ކަމަށްވާ އީރާން އަތުން 2011 ވަނަ އަހަރު ރަށުން ބޭރުގައި ރާއްޖެ ބަލިވީ 4-0 އިންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު ގަތަރު އަތުން އަދި 2016 ވަނަ އަހަރު ޗައިނާ އަތުން ވެސް ރާއްޖެ ބަލިވީ 4-0 އިންނެވެ.

ފަލަސްތީނަކީ ރާއްޖެ އަށްުވުރެ ވަރުގަދަ ޓީމެކެވެ. އެކަމަކު ފަލަސްތީނުން ރާއްޖެ ކޮޅަށް 8 ލަނޑު ޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެ އާއި ފަލަސްތީން މާލޭގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. އަދި އޭގެ ކުރިން 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕްގައި ރާއްޖެ އަތުން ފަލަސްތީން މޮޅުވީ 2-0 އިންނެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުގައި ފަލަސްތީނުން ވަނީ 3-0 އިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ ރަނގަޅުކޮށް، ކުރިއެރުވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ އެފްއޭއެމްއަށެވެ. އެކަމަކު ފުޓްބޯޅައިގައި ކުރިއެރުމެއް ލިބޭނީ ދިވެހި ގައުމީ ޓީމުތަކުގެ ފެންވަރު ދަށްވެފައިވާ ކަމަށް އެންމެ ފުރަތަމަ އެފްއޭއެމް އިން ގަބޫލްކޮށްގެނެވެ. ކުޅުންތެރިންގެ މައްސަލަ އަކަށް ވިޔަސް، ކޯޗުންގެ މައްސަލައަކަށް ވިޔަސް އެކަން ހައްލުކޮށް، ރަނގަޅުކުރެވޭނީ އެފްއޭއެމްއަށެވެ.

ދާދި ފަހުން ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމު ވަނީ ސަރަހައްދީ ދެ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެ މެޗުތަކުން ރާއްޖޭގެ ޖޫނިއާ ލެވެލްގެ ޓީމުތަކުން ވެސް ނެރިފައިވަނީ ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާތަކެކެވެ.

ހާއްސަކޮށް، ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގެ ނަތީޖާތައް ފާހަގަކޮށްލަންޖެހެ އެެވެ. މިއީ ފަސް އަހަރަށް ބިނާކުރާ، ޑްރީމް ޓީމެއްގެ ގޮތުގައި އެފްއޭއެމް އިން ސިފަކުރާ ޓީމެވެ. ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ވެސް، މި ޓީމު ރަނގަޅު ހިސާބަކަށް ދާނެ ކަމަށް އުންމީދުކުރާނެ އެވެ. އެކަމަކު އެ ޓީމުގެ ފުރަތަމަ ނަތީޖާތަކަށް ބަލާއިރު، ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑެވެ.

ނަވަރާ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ވަނީ ބޫޓާން އަތުން ބަލިވެފަ އެވެ. މި މެޗު ކުޅުނީ ބޫޓާންގަ އެވެ. އެ ގަައުމުގެ މާހައުލުގެ ސަބަބުން، ކޮންމެ ޓީމަކަށް ވެސް އުނދަގޫތަކާ ކުރިމަތިވާނެ އެވެ. އެކަމަކު ބޫޓާން އަކީ މީގެ ކުރިން ފީފާ ރޭންކިންގައި އެންމެ ފުލުގައި އޮތް ގައުމެވެ. މިއީ ބޫޓާނަށް ފުޓްބޯޅައިގައި ރާއްޖޭގެ މައްޗަށް ކުރި ލިބުނު ފުރަތަމަ ފަހަރެވެ. މި ފަހަކަށް އައިސް ފުޓްބޯޅަ ކުރިއެރުވުމަށް ބޫޓާން އިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔަ އެވެ.

އޭގެ ފަހުން އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެެ ވަނީ ސްރީލަންކާއާ 2-2 އިން އެއްވަރުވެފަ އެވެ. ރާއްޖޭގައި މީގެ އެތައް އަހަރެއް ކުރިން ކޯޗުކޮށްދިން ސުމިތު ވަލޮޕޮލާގެ އިރުޝާދުގެ ދަށުން ލަންކާ އިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ހޯދީ ވަރަށް ރަނގަޅު ނަތީޖާއެކެވެ. އެކަމަކު މިއީ ރާއްޖެ އަށް ލަދުވެތި ނަތީޖާއެކެވެ. ލަންކާ އަކީ މިހާރު މި ސަރަހައްދުގައި އެންމެ އާދައިގެ އެއް ޓީމެވެ.

ގައުމީ ޓީމުގެ ކަންތައްތައް ބެލެހެއްޓުމަށް އެފްއޭއެމް އިން ކޮމެޓީއެއް ހަދާފައި އޮވެ އެވެ. އެކަމަކު ގައުމީ ޓީމުގެ ނަތީޖާތައް މިހާރު ފެންނަ ގޮތުން، އެ ކޮމެޓީގެ ޒިންމާ އަދާކުރެވޭކަމާމެދު ވެސް ސުވާލު އުފެދެ އެވެ. ގައުމީ ޓީމުގެ ނަތީޖާތައް ދަށްވިޔަސް، ގައުމީ ކޯޗު ޑެރަން ސްޓެވާޓް އަށް މާ ބޮޑު ޕްރެޝަރެއް ނެތެވެ. ގިނަ ފަހަރު ގޯސްވަނީ މަދުން ނަމަވެސް، ފާޑުކިޔާ ނޫސްވެރިންނެވެ. ނަތީޖާތަކުގެ ޒިންމާ ކޯޗުން އެއްވެސް މިންވަރަކަށް ނަގަންނުޖެހޭހެން ވެސް ބައެއް ފަހަރު ހީވެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖެއްސީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ވަންލީ އަކީ ވީބީ ސްޕޯޓްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެވެ. އެކަމަކު ޓެކްނިކަލް ޑައިރެކްޓަރަކަށް އޭނާ ހަމަޖެއްސި ފަހުން، އޭނާ ކުރާ މަސައްކަތެއް އަދި ނުފެނެ އެވެ. ޓެކްނިކަލް ޑައިރެކްޓަރަކީ ފުޓްބޯޅައިގެ މުސްތަގްބަލް ބިނާކުރުމަށް މުހިންމު ރޯލެއް އަދާކުރަންޖެހޭ ފަރާތެކެވެ. އެކަމަކު އަދި މިހާތަނަށް ވަންލީގެ ހިންގުންތެރިކަމުގެ ދަށުން ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ.

ދިވެހި ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ވެއްޓުނީ ހަމައެކަނި މިހާރު އޮތް އެފްއޭއެމްގެ މެނޭޖްމަންޓްގެ އިހުމާލަކުން ނޫނެވެ. މީގެ ކުރިން އެފްއޭއެމް ހިންގެވި ބޭފުޅުންގެ އިހުމާލު ވެސް މީގައި ވަރަށް ބޮޑެވެ. ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިޔައީ މުުސްތަގްބަލް ބިނާކުރުމަށް އެއްވެސް ޕްލޭނެއް ނެތި އެވެ. ހަމައެކަނި ކްލަބްތަކަށް ކުޅުންތެރިން އުފެއްދުމާއި ކުރިއެރުވުން ދޫކޮށްލައިގެން، މިހާރު ފަރުޖެއްސޭކަށެއް ނެތެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com