ލަނޑެއް ނުޖެހި ސެމީއަށް، ރާއްޖެއަށް ބޮޑު ލަދެއް
ގައުމީ ޓީމުގެ ކޯޗް ޕީޓާ ސެގަޓް (ފޮޓޯ: ޝިމާޒް އަލީ)

ލަނޑެއް ނުޖެހި ސެމީއަށް، ރާއްޖެއަށް ބޮޑު ލަދެއް

ޝިމާޒް ޢަލީ10 ސެޕްޓެމްބަރ 2018 23:51

ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕަކީ ދިވެހިންގެ އުންމީދުތަކާއި ގުޅި ލާމެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންނަށް ކާމިޔާބުކުރެވޭނެ މުބާރާތެއްކަން 2008 ވަނަ އަހަރު ވަރުގަދަ އިންޑިޔާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ތަށި އުފުލާލުމާއެކު ދިވެހިންނަށްވެސް ޔަގީން ކުރެވިފައެވެ.

އެހެންކަމުން 2008 ގެ ފަހުން މި މުބާރާތުގައި ރާއްޖެ ވާދަކުރާ ކޮންމެ ފަހަރަކީވެސް އަހަރުމެންގެ ފަހަރު ކަމަށްގިނަ ދިވެހީން ގަބޫލުކޮށް ބޮޑު އުންމީދެއް ކުރެއެވެ. މިހާރު ކުރިއަށްދާ މުބާރާތަކީ ރާއްޖެއިން މިމުބާރާތަށް އެންމެ ރަގަޅަށް ތައްޔާރުވި ފަހަރޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މީގެ ކުރީ އަހަރުތަކުގައި މުބާރާތް ފެށެން ހަފްތާއެއް ނުވަތަ ދެ ހަފްތާއަށް ވީމަ ޓީމު އެކުލަވާލާ އެކުވެރިކަމުގެ މެޗެއް ނުކުޅެ މުބާރާތުގައި ވާދަކުރާއިރު، ކޯޗުންގެ ޝަކުވާއަކަށް ވެފައިވަނީ އެކަށީގެންވާ ވަގުތު ނުލިބޭކަމަށެވެ.

ނަމަވެސް މި ފަހަރު ކަންވެފައިވަނީ އެހެނެއް ނޫނެވެ. 27 ކުޅުންތެރިންގެ ސްކޮޑަކާއެކު ޤަތަރުގައި 25 ދުވަހު ޓްރޭނިންގ ކޭމްޕެއް ހެދުމުގެ ފުރުސަތު އެފްއޭއެމްއިން ފަހިކޮށްދިނެވެ. ކްރޮއޭޝިއާގެ ކޯޗް ޕީޓާ ސެގަޓް އަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ބިދޭސީ އެސިސްޓެންޓް ކޯޗަކާއި ބިދޭސީ ޓްރޭނަރެއް ޓީމަށް ގެނެވުނެވެ. ގަތަރުގައި އެކުވެރިކަމުގެ އެއް މެޗް ކުޅެފައިވާއިރު، ޕާކިސްތާނާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެއްސި ނަމަވެސް މެޗް ކުޅެން ހަމަޖެއްސި ތާރީހަށް ޕާކިސްތާންގެ ޓީމު ގަތަރަށް ގޮސްފައިނުވާތީ އެ މެޗް ވަނީ ކެންސަލްކޮށްފަ އެވެ.

ގަތަރުގައި ހެދި ޓްރޭނިން ކޭމްޕަށްފަހު މުބާރާތުގެ ފުރަތަމަ މެޗްގައި ސްރީ ލަންކާ އާއި ދެކޮޅަށް ރާއްޖެއިން ދެއްކި ކުޅުމަކީ މުބާރާތް ކާމިޔާބުކުރެވޭފަދަ ކުޅުމެއް ނޫން ކަމަށް ގިނަ ފަރާތްތަކުންވަނީ ބުނެފައެވެ. ނަމަވެސް މުބާރާތެއްގެ ފުރަތަމަ މެޗަކީ އުނދަގޫ މެޗެއްކަމަށް ފުޓްބޯޅައިގައި މަސައްކަތް ކުރާ ގިނަ ކޯޗުން ފާހަގަކުރި ނަމަވެސް ލަންކާ އާއި ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވުމަކީ ދިވެހި ފުޓްބޯޅަ ލިބުނު ހަޑި ނަމެކެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ ކުޅުނު ދެ މެޗްގައި ޖުމްލަ 15 ލަނޑު ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ދެވަނަ މެޗްގައި އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗްގައިވެސް ފެނިގެންގޮސްފައިވަނީ ދިވެހި އުންމީދުކުރިފަދަ ކުޅުމެއް ނޫނެވެ. 2-0 ގެ ނަތީޖާއަކުން އިންޑިޔާ އަތުން ބަލިވެ ގުރުއަތުން މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިއުން އެއީ ދިވެހި ފުޓްބޯޅައިގައި ލިބިގެންދިޔަ ހަޑި ނަމެކެވެ. ދިވެހިންނަކީ ނަސީބުވެރިން ކަމަށް ސިފަކުރިނަމަވެސް، ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް އެންމެ ޕޮއިންޓަކާއެކު ލަނޑެއް ނުޖެހި ރާއްޖެ ދިއުން އެއީ އުފާކޮށް އަތް ޖަހަންވީ ކަމެއް ނޫނެވެ. މި ކަމަކީ ގައުމީ ޓީމާއިމެދު ވަރަށް ފުންކޮށް އެފްއޭއެމްއިން ވިސްނަން ޖެހޭ ކަމުގެ އަލިގަދަ ހެތްކެކެވެ. ތެދެކެވެ. ހެޔޮ ނިޔަތުގައި ގަދައަށް މަސައްކަތް ކުރާ ބަޔަކަށް ނަސީބު އެހީތެރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އަބަދު ނަސީބު އެހީތެރިނުވާނެކަންވެސް ގަބޫލުކުރަން ޖެހެއެވެ.

ސެމީ ފައިނަލުގައި ނޭޕާލާއި ދެކޮޅަށް ނިކުންނައިރު މި މުބާރާތުގައި މި ފަހަރު ނޭޕާލްގެ ފަރާތުން ފެނިގެންގޮސްފައިވަނީ އުންމީދީ ކުޅުމެކެވެ. މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރެވޭނެ ފަދަ ކުޅުމެއް އެ ޓީމުންވަނީ ދައްކާފައެވެ. ޚާއްސަކޮށް ގްރޫޕްގެ ފަހު މެޗްގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗް ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މި މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން އެފަދަ އުންމީދި ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. ސަރަހައްދުގައި ތިބި އެންމެ ހުނަރުވެރި އަދި ހަލުވި ކުޅުންތެރިން ތިބި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއެކު ގަތަރުގައި ކުރިއަށްދިޔަ ޓްރޭނިން ކޭމްޕްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުނުތޯ އެއީ އުފެދޭ ސުވާލެކެވެ.

ފާޢިތުވެދިޔަ ހަތަރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގާފައިވާއިރު ހުރިހާ ދިވެހިންގެ ވެސް އުންމީދަކީ އުންމީދި ކުޅުމަކާއެކު ނޭޕާލް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާ މުބާރާތުގެ ތަށި ދިހަ އަހަރަށް ފަހު ދިވެހި ޓީމުން އުފުލާލުމެވެ. މިކަމަށް ހުރިހާ ދިވެހިން އެދިއެދި ތިބިއިރު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެވެސް އުންމީދަކީ މިއީ ކަމާމެދު ޝައްކަތް ނެތެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 

ސެގަޓް އަކީ އެއްވެސް ވަރަކަށް މި ޒަމާނުގެ ފުޓްބޯޅައަށް ފެތޭ މީހެއް ނޫން... ލަނޑެއް ނުޖެހި ގުރުއަތުން ސެމީ އަށް ދިޔައިމަ ނަސީބު ރަގަޅީ އޭ ބުނަން ލަދެއްވެސް ނުގަތް ދޯ؟؟

ސެގަޓް - 11 ސެޕްޓެމްބަރ 2018
Reply
Reply
Dislike
Like
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com