ކޯޗް ފުރަތަމަ ދުވަހު ވެސް ގޮވާލީ ކުޑަ އައްސަދުގެ ނަމުން: އަކޫ
2008 ވަނަ އަހަރު ރަން މެޑަލް ހޯދި އަކްރަމްގެ ބޭބެ އައްސްދު އެފްއޭއެމްގެ ރައީސް ބައްސާމް އާއިއެކު އަކޫ ފޮޓޯއަކަށް ހުއްޓި (ފޮޓޯ: އިބްރާހިމް ފާއިދު)

ކޯޗް ފުރަތަމަ ދުވަހު ވެސް ގޮވާލީ ކުޑަ އައްސަދުގެ ނަމުން: އަކޫ

ޝިމާޒް ޢަލީ18 ސެޕްޓެމްބަރ 2018 06:55

2005 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައަށް ނިކުތް އަކްރަމް އަބްދުލް ޣަނީ (އަކޫ) ފުރަތަމަ ވެލެންސިއާގެ ޕްރެކްޓިހަށް ނިކުތް ދުވަހު އޭރު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހަންގޭރީގެ ލާސްލޯ ކިސް އޭނާއަށް ގޮވާލީ "ސްމޯލް އައްސަދު" ނުވަތަ ކުޑަ އައްސަދުގެ ނަމުންނެވެ.

އަކުރަމް ވަނީ އޭނާގެ ބޭބެ ދެއްކި މަގުން ހިނގާ އޭނާ އަކީ ނަމޫނާ ކޮއްކޮއެއް ކަން ސާބިތުކޮށްދީފަ އެވެ. 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕްގެ ތަށި 13 ނަމްބަރ ޖާޒީގައި ހުރެ ކެޕްޓަން އައްސަދު އުފުލާލިއިރު އެ މުބާރާތުގައި އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތު ނުލިބި ބެންޗުގައި ހުރި އަކޫ އަށް އެފަދަ ކާމިޔާބީއެއް ތަކުރާރު ކުރެވޭނެ ކަމަށް އޭނާ ކުރިން ގަބޫލެއް ނުކުރެއެވެ.

"އަޅުގަނޑު ކެޕްޓަން ކަމާ ހަވާލުވީ ހިސާބުންވެސް މިކަމުގައި އައްސަދުގެ އެހީތެރިކަން އެންމެ ފުރިހަމަ އަށް ލިބެމުންދިޔަ. އަޅުގަނޑަށް މިއަދު މި މަގާމަށް އާދެވުނީ އައްސަދު އަދި އަންވަރު އަޅުގަނޑު މިދާއިރާ އަށް ނެރެދިނީމަ."

"މުބާރާތަށް ޓީމު އައިއިރު އެފްއޭއެމްގެ ފަރާތުން އައްސަދު ބަންގްލަދޭޝް އަށް ފޮނުވާފަ ހުރުން އެއީ އަޅުގަނޑުގެ އިތުރުން ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. އައްސަދަތީ މީހުންގެ އިހުތިރާމް ލިބި އަދި ކެޕްޓަންގެ ގޮތުގައި ހުރިއިރު ކަންކަމާ އިސްނަގާ އެންމެނާ ވާހަކަ ދައްކާ ކަންކަން ހައްލުކުރުމުގައި އެހީތެރިވާ ފަރާތެއް. ފައިނަލް މެޗަށް ދަނޑަށް ނިކުތްއިރު 2008 ގެ ޗެމްޕިއަން ޖާޒީ ލައިގެން އައިސް އަޅުގަނޑަށް ގޮވާލާފަ ދިން ހިތްވަރުން މިކަން ވާނެކަމަށް އޮތް އުންމީދު ބޮޑުވެގެން ދިޔަ." އަކޫ މޯލްޑިވްސްފުޓްބޯލް އަށް ވާހަކަ ދައްކަމުން ބުންޏެވެ.

2008 ވަނަ އަހަރު ރާއްޖެއިން ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ ތެރޭގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް އެކަން ހައްލުކޮށް މުބާރާތުގެ ތަށި ހޯދިއިރު މި ފަހަރުވެސް ޓީމަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވާއިރު އެކަމަށް އިޝާރާތްކޮށް އަކުރަމް ބުނީ 2008 ގެ ސްކޮޑްގައި ހިމެނިފައިވާތީ އެކަންތައްތަކާއި ކުރިމަތިލާން ވަރަށް ފަސޭހަވި ކަމަށެވެ.

"2008 ގައި ދިމާވި ކަހަލަ ބައެއް މައްސަލަތައް ކުރިމަތިވިއިރު އޭރު އެކަންތައްތައް ހައްލުވެގެން ދިޔަ ގޮތް އަޅުގަނޑަށް ފެނިފައިހުރީމަ އެކަންތައްތަކާއި ކުރިމަތިލާން ވަރަށް ފަސޭހަ ވެގެންދިޔަ."

މި ފަހަރު ރާއްޖެއިން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ލީޑަރަކީ އަކްރަމްއެވެ. ކުޅުންތެރިންނާއި ގުޅުން ބަދަހި ކަންތައްތަކާއި ކުރިމަތިލާން ފަސްނުޖެހޭ ލީޑަރަކު ޓީމުގައި ހުރުން އެއީ ކޮންމެ ޓީމަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައަށް 2005 ވަނަ އަހަރު ތައާރަފްވި ނަމަވެސް ފުރަތަމަ ހަތަރު އަހަރު އަކުރަމް ކުޅުނު ޓީމުތަކާއި މުސާރަ އާއި އަދި އެހެނިހެން ކަންތައްތަކަކީ އޭނާގެ އަމިއްލަ ނިންމުމެއް ނޫނެވެ.

"އަޅުގަނޑު އަމިއްލަ އަށް ފުރަތަމަ ކްލަބެއްގެ ކޮންޓްރެކްޓްގައި ސޮއިކުރީ 2009 ވަނަ އަހަރު. ފުރަތަމަ ވެލެންސިއާގެ އެގްރިމެންޓްގައިވެސް ސޮއި ކުރީ ބޭބެމެން. އެއްވެސް ކަމަކާ އަޅުގަނޑު ނުވިސްނަން. މުސާރައެއް އަދި އެހެން ކަމެއްވެސް ނުބަލަން. ހަމަ ބޭބެމެން ބުނީމަ އެގޮތަށް ނިންމީ. ލާސްލޯ ކިސްގެ އެދުމަށް ވެލެންސިއާގެ ޕްރެކްޓިހަށް އަަޅުގަނޑު ފުރަތަމަ ދިޔައީ އަންވަރު ގަނެދިން ބޫޓަކަށް އަރައިގެން."

"އަޅުގަނޑު އޭރު ބެލީ ލިބުނު ފުރުސަތުގެ ބޭނުން ހިފާ ބޭބެމެން އޭރު ތިބި މަގާމަށް ދާން. އިރާދަ ކުރެއްވީތީ އެކަން މިއަދު މިވަނީ ހާސިލު ކުރެވިފަ. އަޅުގަނޑަށް މިއަދު މި ކާމިޔާބު ހަޔާތް ފަށައިދިން ފަރާތަކީ އައްސަދު އަދި އަންވަރު. އައްސަދު އަޅުގަނޑުގެ އަތުގައި ކެޕްޓަން ބޭންޑް އެޅުވި ދުވަހުން ފެށިގެން އަޅުގަނޑު އުންމީދުކުރި ދުވަސް މިއަދު މި ފެނުނީ. އަދި އައްސަދު އާއި އަންވަރު އަޅުގަނޑަށް މިކަން ކުރެވޭނެކަމަށް ބުނެ ދިން ސަޕޯޓަކީ އަޅުގަނޑަށް ލިބިގެންދިޔަ ހިތްވަރު. ﷲ އަޅުގަނޑަށް މިފަދަ ލޯބިވާ ދެ ބޭބެ އަދި އަޅުގަނޑު ދެކެ އެހާމެ ލޯބިވާ އާއިލާއެއް ދެއްވިކަމަށްޓަކީ މާތް ﷲ އަށް އަބަދުވެސް ޝުކުރުވެރިވަން. އަޅުގަނޑުގެ މަންމަ އަދި ބައްޕަ ދެކެ ވަރަށް ލޯބިވޭ އަޅުގަނޑުމެން އެންމެންވެސް." ވަރަށް އަސަރާއެކު އަކުރަމް ބުންޏެވެ.

އަކުރަމް އަބަދުވެސް ފާހަގަ ކުރެވެނީ އަހުލާގު ރަގަޅު ކުޅުންތެރިންނާއި ގުޅޭ އަދި ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައެވެ. މި ފަހަރު ސާފް ސުޒުކީ ކަޕް ރާއްޖެއިން ކާމިޔާބުކުރިއިރު އަކްރަމްގެ ދައުރު ވަރަށްވެސް ބޮޑެވެ. ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވިނަމަވެސް އެކަންތައްތައް އެއްފަރާތްކޮށް ޓީމު އެކަތިގަނޑަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އަކުރަމް އެވެ.

އަކްރަމަށް މި ލިބުނު ކާމިޔާބީގައި އޭނާ ވަނީ އޭނާގެ އާއިލާގެ އިތުރުން ގާތް އެކުވެރިންނާއި އުފަން ރަށުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"އަޅުގަނޑުގެ މި ކެރިއާ މިހާ ކާމިޔާބުވުމުގައި އަޅުގަނޑުގެ އަންހެނުންގެ ދައުރު ވަރަށް ބޮޑު. އަދި އަތޮޅުގެ ހުރިހާ އެކުވެރިންނނާއި މާފަރުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އެހީތެރިކަން ލިބިގެންދިޔަ. އަދި އަޅުގަނޑުގެ އާއިލާ އޮންނަ ކުޑަފަރީގެ ހުރިހާ ރައްޔިތުންނަށް މި ކާމިޔާބީ ހާއްސަކުރަން. އަދި ވަކިން ހާއްސަކޮށް އަޅުގަނޑާއި އެއްކޮށް އެންމެ ގިނަ ދުވަހު އުޅުނު ޖޭޖޭ ގެ އެކުވެރިންނަށް ވެސް މި ތަށި ހަދިޔާ ކުރަން." އުފަލުން ފެންކަޅިވެ ހުރެ އަކުރަމް ބުންޏެވެ.

މޯލްޑިވްސްފުޓްބޯލްގެ ފަރާތުން އަކުރަމް އާއި އަކުރަމް އަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com