އިންމަގެ ޓީމުގައި އަޝްފާގުގެ އިތުރުން ގިނަ ތަރިންތަކެއް ހިމަނައިފި
އިމްރާން ވަނީ އޭނާއާއިއެކު ކުޅުނު ގިނަ ކުޅުންތެރިން ހިމަނާފަ

އިންމަގެ ޓީމުގައި އަޝްފާގުގެ އިތުރުން ގިނަ ތަރިންތަކެއް ހިމަނައިފި

ޝިމާޒް ޢަލީ20 ޑިސެމްބަރ 2018 11:23

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވަދާއީ މެޗަށް އިމްރާން ނެގި ޓީމުގައި ގަލޮޅު ދަނޑުން ފެނިގެންދިޔަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމަނައިފި އެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އިމްރާން ނެގި ޓީމުން ފުރުސަތު ދީފައިވާ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގްގެ އިތުރުން އިމްރާނާއިއެކު ވިކްޓަރީގައި ކުޅުނު އަހުމަދު ޝާހިދު (ސާބެ)، މުހައްމަދު އިބްރާހިމް (ކައްޕި)، އަހުމަދު ސައީދު (އައްމަޓީ)، އާދަމް އަބްދުއް ލަތީފް (ލައްޗޭ)، އަބްދުﷲ އިބްރާހިމް (ބިންމާ)، އަޝްރަފް ލުތުފީ (ސަމްޕަތު)، އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ)، އަލީ ޝިހާމް (ހުރާ އައްޔަ) އަދި މައުސޫމް އަބްދުލް ޣަފޫރު (މާސޭ) ފަދަ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. \

އިންމަ މި މެޗަށް ނެގި ކުޅުންތެރިންގެ ތެރޭގައި މިހާރުވެސް ފުރަތަމަ ޑިވިޝަނުގެ ކުޅޭ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި މުހައްމަދު އުމެއިރު، އަލީ އަޝްފާގް ގެ އިތުރުން މުހައްމަދު ސިފާން ހިމެނެއެވެ. މި ތިން ކުޅުންތެރިންނަކީވެސް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.

އިމްރާން ޓީމުގެ ކޯޗަކަށް ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯވް އިވަނޯފް ހަމަޖައްސާފައިވާއިރު އެސިސްޓެންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެވެސް އެސިސްޓެންޓުންގެ ގޮތުގައި ތިބި އިހުސާން އަބްދުލް ޣަނީ އާއި މުހައްމަދު ޝިޔާޒް އެވެ. އަދި އޮފިޝަލުންގެ ގޮތުގައި ހަސަން ނިޒާރު، އަހުމަދު ޝަކީބު، އަބްދުﷲ ރާފިއު، ހުސެއިން ޒިނާން އަދި މުހައްމަދު އިގްބާލް ހިމަނާފައިވާއިރު ޓީމުގެ މެނޭޖަރަކަށް ނަގާފައިވަނީ އަހުމަދު ޝާހިރު އެވެ.

މި މެޗްގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ މި މެޗްގައި އެފްއޭ 11 ގައި ކުޅުމެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ މިހާތަނަށް ގައުމީ ޓީމަށް 111 މެޗް ކުޅެފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދި ޓީމުގައިވެސް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިމްރާން ނެގި ޓީމުގައި ހިމެނޭ ކުޅުންތެރިން

އިމްރާން މުހައްމަދު، އަސްލަމް އަބްދުލް ރަހީމް، މުހައްމަދު ޖަމީލް (ޖަމްބެ)، ސޮބާހް މުހައްމަދު، އަލީ އުމަރު، އަހުމަދު ތޯރިގް (ޓޮމް)، އަލީ އަޝްފާގް، މުހުތާރު ނަސީރު (ޓޫކިލޯ)، އިސްމާއިލް މުހައްމަދު، އަހުމަދު ސައީދު (އައްމަޓީ)، މުހައްމަދު ސިފާން (ކުޑައްޓޭ)، އައްސަދު އަބްދުލް ޣަނީ، މުހައްމަދު އުމެއިރު، އާދަމް އަބްދުލް ލަތީފް، ޝާހް އިސްމާއިލް، މުހައްމަދު އިބްރާހިމް (ކައްޕި)، މުހައްމަދު ނިޒާމް (ތޮއްޑޫ)، އަބްދުﷲ އިބްރާހިމް (އަބުޅޯ)، އަލީ ޝިޔާމް، އަޝްރަފް ލުތުފީ (ސަމްޕަތު)، މައުސޫމް އަބްދުލް ޣަފޫރު (މާސޭ)، މުހައްމަދު އަންވަރު، އަހުމަދު ޝާހިދު (ސާބެ)، އަބްދުﷲ ވަހީދު (ބިންމާ)، ޝާމްވީލް ގާސިމް (ބޮންޑާ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، އަލީ ޝާހީން.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com