ސަސްޕެންޑް ވެދާނެ ކަމެއް ސަރުކާރުން ނުކުރާނެ: މަހްލޫފް
އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން އާއި މަހުލޫފް އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: މަހްލޫފް)

ސަސްޕެންޑް ވެދާނެ ކަމެއް ސަރުކާރުން ނުކުރާނެ: މަހްލޫފް

ޝިމާޒް ޢަލީ23 ޑިސެމްބަރ 2018 11:57

މާލެ، ދިވެހިރާއްޖެ - ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ރާއްޖެ ސަސްޕެންޑް ވެދާނެފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރައްވާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޙަލީފާ އާއި ލަންޑަނުގައި އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު މަހުލޫފް މޯލްޑިވްސްފުޓްބޯލް އަށް ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑް ވެދާނެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

"ފީފާއިން އެފްއޭއެމް ސަސްޕެންޑް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް އަދި އެފަދަ ކަމަކަށް މަގުފަހިވެދާނެ ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ." މަހުލޫފް ވިދާޅުވިއެވެ.

"ފީފާގެ އަސާސީ ގަވާއިދާއި ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެން އަދި ފީފާ އާއި އޭއެފްސީގެ ލަފާއަށް އަބަދުވެސް މަރުހަބާ ކިޔާނަން. ފެކްޓް ފައިންޑިން ކޮމިޓީގެ މަސައްކަތް ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ކުރިއަށްދާނެ." މަހުލޫފް ކުރެއްވި ޓްވީޓް ގައި ވިދާޅުވިއެވެ.

އެފްއޭއެމް އާއި ދިވެހި ސަރުކާރާއި ދެމެދު ހިޔާލު ތަފާތުވެފައިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިފައިވާތީ އެކަން ބެލުމަށްކަމަށް ބުނެ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ފެކްޓް ފައިންޑިން ކޮމިޓީއެއް އެކުލަވާލުމުންނެވެ.

މިނިސްޓަރ މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމް އިން ވަނީ މިކަމުގައި އޭއެފްސީ އިން ދެކޭ ގޮތް ބެލުމަށް އެދިފައެވެ. އަދި އޭގެ ޖަވާބުގައި އޭއެފްސީން ވަނީ އެފްއޭއެމްގެ ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެނޭވެކަމަށް ބުނެ އިންޒާރު ދީފައެވެ. މި އިންޒާރާއެކު މަހުލޫފް ވިދާޅުވީ އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު މޯލްޑިވްސްފުޓްބޯލް އަށް ވިދާޅުވީ ދައުލަތުން ފުޓްބޯޅައަށް ހަރަދު ކުރާ ފައިސާއަށް ވީ ގޮތެއް ބެލޭނެ ކަމަށާއި އަދި އެކަމަށް އެފްއޭއެމްއިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ބަލަންވީ. މީގެ ކުރިން މިނިސްޓަރާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް އެކަން ފާހަގަ ކުރިން." ބައްސާމް ވިދާޅުވިއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com