އިމްރާން ބޭނުންވަނީ ވަދާއީ މެޗުން މޮޅުވާން
އިމްރާން ޓީމުގެ ކޯޗް ސްޓޮއިކޯވް އާއި އެކު މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާގައި (ފޮޓޯ: އިބްރާހިމް ފާއިދު)

އިމްރާން ބޭނުންވަނީ ވަދާއީ މެޗުން މޮޅުވާން

ޝިމާޒް ޢަލީ30 ޑިސެމްބަރ 2018 19:23

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅެވޭ ވަދާއީ މެޗުން މޮޅުވާން ބޭނުންވާ ކަމަށް އިމްރާން މުހައްމަދު މިއަދު ބުނެފިއެވެ.

އެފްއޭއެމް ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ބުނީ ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިފަދަ މެޗެއް ހަމަޖެއްސެވީތީ އެފްއޭއެމަށް އަދިވެސް އެއް ފަހަރު ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި ވަދާއީ މެޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިން އަލުން ކުޅޭތަން ބަލާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިން ގަލޮޅު ދަނޑުގައި ކުޅޭ ތަން ބަލާލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި އެހެންކަމުން ވީހާވެސް ގިނަ މީހުން ދަނޑަށް ވަނުމަކީ ވަރަށް ބޮޑަށް އެދެން."

"އެފްއޭއެމް 11 ޓީމު ވަރަށް ވަރުގަދަ. ނަމަވެސް ދަނޑަށް ނުކުންނާނީ 11 ކުޅުންތެރިން. އެހެންކަމުން އެފްއޭއެމް ޓީމުގައި މިހާރުގެ ކުޅުންތެރިން ތިއްބަސް އަޅުގަނޑުމެން ޓީމުގައި މިތިބީ ވެސް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން. އަޅުގަނޑުމެން ޓީމު އޮތީ ތައްޔާރުވެފައި،" އިމްރާން ބުންޏެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގެ ބައެއްގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އެފްއޭއެމް އިން އެކުވަލާލި އެފްއޭ 11 ގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ޝުމައިކަލް އާއި ސަލްގާޑޯ ގެ އިތުރުން ދެން ހިމެނެނީ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އަލީ ރަޝީދު (ސިލާޗީ)، ޔޫސުފް އަޒީމް (ޔޫއްޓޭ)، އިސްމާއިލް އަނިލް، އިސްމާއިލް އާސިފް (ކުޑަ ހީނާ)، މުހައްމަދު ނަޒީހު، އަންވަރު އަބްދުލް ޣަނީގެ އިތުރުން މިހާރުވެސް ގައުމީ ޓީމަށް ކުޅެމުންދާ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަސަދުﷲ އަބްދުﷲ، މުހައްމަދު އާރިފް (ބަކާ) އަދި އަލީ ފާސިރު ފަދަ ކުޅުންތެރިންނެވެ.

އެފްއޭ 11 ގެ ކޯޗަކަށް ޓީސީ ގެ ކޯޗް މުހައްމަދު ނިޒާމް ހަމަޖައްސާފައިވާއިރު ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މެނޭޖަރ މުހައްމަދު ހާނިމް އެވެ. އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އަލީ ނާޝިދު، އަހުމަދު ޝާކިރު، މުހައްމަދު ޝާޒްލީ ހިމަނާފައިވާއިރު ގޯލްކީޕަރ ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ސަލީމް އެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ މިހާތަނަށް ގައުމީ ޓީމަށް 111 މެޗް ކުޅެފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދި ޓީމުގައިވެސް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com