އެފްއޭއެމް އާއި މިނިސްޓްރީގެ ކޯޅުމުގެ އަޑީގައި ޝާހިރު!
ޝާހިރު ވަނީ މީގެ ކުރިން އެފްއޭއެމްގެ އިންޓެރިމް ކޮމިޓީގެ ޗެއާމަން ކަން އަދާކޮށްފަ (ފޮޓޯ: އިބްރާހިމް ފާއިދު)

އެފްއޭއެމް އާއި މިނިސްޓްރީގެ ކޯޅުމުގެ އަޑީގައި ޝާހިރު!

އެމްއެފް ނިއުސް ޓީމް03 ޖެނުއަރީ 2019 11:43

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިންތިހާބު ތަކުގެ ތެރެއިން އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިހާބަކީ އަބަދުވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބެވެ. އެގޮތުން އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގެ ބާކީ ދެ އަހަރެއްހާ ދުވަސް އޮއްވާ މިހާރުވެސް އެފްއޭއެމްގެ އިންތިހާބުގެ ފޯރިވަނީ ގަދަވެފައެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ގެ ފުރުސަތު ރާއްޖޭގެ ކްލަބްތަކަށް ގެއްލުމާއި ގުޅިގެން އެކަން ބެލުމަށް ކަމަށް ވިދާޅުވެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު އެކުލަވާލި ފެކްޓް ފައިންޑިން ކޮމިޓީ އާއިއެކު އެފްއޭއެމްގެ އިންތިހާބީ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މި ކޮމިޓީގައި ހިމެނެނީ 2007 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރާއި ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ވިކްޓަރީގެ އަހުމަދު ނަސީމްގެ އިތުރުން ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު އެވެ.

މިނިސްޓަރ މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމް އިން ވަނީ މިކަމުގައި އޭއެފްސީ އިން ދެކޭ ގޮތް ބެލުމަށް އެދިފައެވެ. އަދި އޭގެ ޖަވާބުގައި އޭއެފްސީން ވަނީ އެފްއޭއެމްގެ ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެނޭވެކަމަށް ބުނެ އިންޒާރު ދީފައެވެ. މި އިންޒާރާއެކު މަހުލޫފް ވިދާޅުވީ އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތެއް ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ އެފްއޭއެމް އަށް އަންނަން ބޭނުންވާ ފަރާތްތަކުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެފްއޭއެމް އަށް ފާޑުކިޔާ ފަރާތްތަކަށްވެސްވަނީ ރައްދު ދެއްވާފައެވެ.

"އެފްއޭއެމް ގެ އިންތިހާބީ ދައުރު ނިމެން އަދި ބާކީ ދެ އަހަރެއް ހާ ދުވަސް އެބައޮތް އެހެންކަމުން އެފްއޭއެމް އަށް އަންނަން ބޭނުންވާ ފަރާތްތަކުން އިންތިހާބު ކާމިޔާބުކޮށް އެފްއޭއެމް އަށް އައުމަށް އަޅުގަނޑު އެދެން."

މިނިސްޓްރީ އާއި އެފްއޭއެމް އާއި ދެމެދު އުފެދުނު މައްސަލަތައް ފީފާ އާއި އޭއެފްސީ ގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފް ލަންޑަނަށް ވަޑައިގެން އޭއެފްސީ ގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހިމް ޙަލީފާ އާއި އެކު ބޭއްވި ބައްދަލުވުމުގައި ފެކްޓް ފައިންޑިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝާހިރު ބައިވެރިވިކަން މޯލްޑިވްސްފުޓްބޯލް އަށް ވަނީ ކަށަވަރުވެފައެވެ.

އެގޮތުން ޝެއިހް ސަލްމާންގެ ދައުވަތަކަށް މިނިސްޓަރ މަހުލޫފް ލަންޑަނަށް ވަޑައިގެންނެވި ދަތުރުގައި ދެން ބައިވެރިވެފައިވަނީ މިނިސްޓްރީގެ އިތުރު މުވައްޒަފެއްގެ އިތުރުން އަހުމަދު ޝާހިރު އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެއްކެވި ވާހަކަތަކަކީ ސީދާ ޝާހިރު އަށް އަމާޒުކޮށް ދެއްކެވިވާހަކަތަކެއް ކަމަށް ގަބޫލުކުރެވޭއިރު މީގެ ކުރިން ގައުމީ ޓީމު ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަ ފާހަގަކޮށްލެވެއެވެ.

"އެފްއޭއެމް އަކީ ކޮރަޕްޝަން ހިންގާ ތަނެއްކަމަށް ބައެއް ފަރާތްތަކުން ވިދާޅުވާއިރު، މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ތިރީސް ހާހުން ނުވަތަ ސާޅީސް ހާސް ޑޮލަރުގެ ނަގުތު ފައިސާ ގެންގޮސް ބާކީ އަށް ވީ ގޮތާއި ބާކީ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާ މިންވަރު ކުރީގެ އޮޑިޓް ރިޕޯޓްތަކުން ފެންނަށް އެބަހުރި." ބައްސާމް ވިދާޅުވިއެވެ.

ޝެއިހް ސަލްމާން އާއިއެކު މިނިސްޓަރ މަހުލޫފް ބޭއްވި ދެ ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޝާހިރު އާއި މަހުލޫފް އެކަންޏެވެ.

މޯލްޑިވްސްފުޓްބޯލް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫއޭއީ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ މަހުލޫފް މާދަމާ އެގައުމަށް ވަޑައިގަންނަވާނެ އެވެ. އަދި މިއީ ވެސް ސީދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމުގެ ގޮތުން މިނިސްޓަރ ކުރައްވާ ދަތުރުފުޅެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 

ބޭފުޅާ ވެސް ބޭނުންވަނީ އެފްއޭއެމްގެ ރައީސް ކަން ދޯ އެހެންވީމަ. ނޫނީ ބަޔަކު އަޑީގައި ތިބެ ބޭފުޅާ އަށް ވެސް ލަނޑެއް ދޭން އުޅޭހެން ހާދަ އެބަ ހީވޭ،

ބޭފުޅާ - 03 ޖެނުއަރީ 2019
Reply
Reply
Dislike
Like

ބޭފުޅާ ރަގަޅަށް މަޅީގައި ޖެހިއްޖެ

މަހޭ - 03 ޖެނުއަރީ 2019
Reply
Reply
Dislike
Like
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com