ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޓީސީ އަށް ސޮއިކޮށްފި
އަކްރަމް ސާފް ސުޒުކީ ކަޕްގެ ރަން މެޑަލާއި ތަށި ހިފައިގެން (ފޮޓޯ: އިބްރާހިމް ފާއިދު)

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޓީސީ އަށް ސޮއިކޮށްފި

އެމްއެފް ނިއުސް30 ޖެނުއަރީ 2019 09:40

މާލެ، ދިވެހިރާއްޖެ - ފާއިތުވެދިޔަ ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އިތުބާރު ޑިފެންޑަރ އަކްރަމް އަބްދުލް ޣަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއި ކޮށްފި އެވެ.

ރާއްޖޭން ދެވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި އަކްރަމް އަބްދުލް ޣަނީ ޓީސީ އާއި ގުޅުނުއިރު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ކުޅުންތެރިންތަކެއްވަނީ އެ ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި އަކްރަމްގެ އިތުރުން މީގެ ކުރިން މާޒިޔާ އަށް ކުޅުނު އިސްމާއިލް އީސާ އާއި ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު އަބްދުލް ވާހިދު އާއި ކުރިން ޓީސީ އަށް ކުޅުނު އަރާޝް އައްސަދު ހިމެނެއެވެ.

އަދި މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް އެ ޓީމުގައި މަޑުކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ކެޕްޓަން ފައްރާހު އާއި އައްޒާމް އާއި ރިލްވާންގެ އިތުރުން އިޝާން ހިމެނެއެވެ.

ޓީސީ ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާއިރު މިދިޔަ އަހަރު އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗް މުހައްމަދު ނިޒާމް ވަނީ އެ ކްލަބް ދޫކޮށްފައެވެ. ނިޒާމް ބުނީ ޓީސީ ދޫކޮށްލީ ކްލަބާއި އޭނާ އާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com