އެފްއޭއެމްގެ ކޮންގްރެސް މާޗް 25 ގައި ބާއްވަނީ
އެފްއޭއެމްގެ ކޮންގްރެސް މާޗް 25 ގައި ބާއްވަން ނިންމިއިރު ކްލަބްތަކުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުުރުމުގެ މަސައްކަތް ދަނީ ކުރަމުން

އެފްއޭއެމްގެ ކޮންގްރެސް މާޗް 25 ގައި ބާއްވަނީ

އެމްއެފް ނިއުސް05 ފެބުރުއަރީ 2019 13:29

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެނޭޖްމަންޓް ބަދަލުކުރުމުގެ މަސައްކަތް ބައެއް ކްލަބްތަކުން ކުރަމުންދަނިކޮށް މި އަހަރުގެ ކޮންގްރެސް އަންނަ މާޗް މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެ އިދާރާއިން ނިންމައިފި އެވެ.

އެފްއޭއެމް ގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި އަހަރުގެ ކޮންގްރެސް އަންނަ މާޗް މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަދި އެކަމާއި ގުޅޭ މައުލޫމާތުތައް މެމްބަރުންނަށް ރަސްމީކޮށް އަންގަމުންދާނެ ކަމަށެވެ.

އެފްއޭއެމް އިން ކޮންގްރެސް ބާއްވަން އިއުލާންކުރިއިރު، ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި ދިވެހި ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް އެތައް ކަމެއް ކޮށް، އަދި އަސާސީ ގަވާއިދާއި ހިލާފަށް ކަންކަން ކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވާ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމުގެ މަސައްކަތް ކްލަބްތަކުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކުޅިވަރާއި ބެހޭ ވަޒީރު ކަމުގެ މަގާމާއި އަހުމަދު މަހުލޫފް ހަވާލުވެވަޑައިގަތުމާއިއެކު އެފްއޭއެމް އާއި ދެމެދު ވަނީ މައްސަލަ ހޫނުވެފައެވެ. އެގޮތުން އެކަމުގެ ފެށުމަކަށް ވެފައިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިފައިވާތީ އެކަން ބެލުމަށްކަމަށް ބުނެ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ފެކްޓް ފައިންޑިން ކޮމިޓީއެއް އެކުލަވާލުމާއެކުގައެވެ.

މިނިސްޓަރ މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމް އިން ވަނީ މިކަމުގައި އޭއެފްސީ އިން ދެކޭ ގޮތް ބެލުމަށް އެދިފައެވެ. އަދި އޭގެ ޖަވާބުގައި އޭއެފްސީން ވަނީ އެފްއޭއެމްގެ ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެނޭވެކަމަށް ބުނެ އިންޒާރު ދީފައެވެ. މި އިންޒާރާއެކު މަހުލޫފް ވިދާޅުވީ އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތެއް ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ކޮމިޓީގައި ހިމެނޭ އެއްވެސް މެމްބަރަކާއި ކޮމިޓީން ކުރަން ރާވާފައިވާ މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މައުމޫލާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com