ބަހްރޭން ކުޅުންތެރިޔާގެ މައްސަލައިގައި ސަލްމާން އަށް ވަރުގަދަ އިންޒާރެއް!
އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން (ފޮޓޯ: އޭއެފްޕީ)

ބަހްރޭން ކުޅުންތެރިޔާގެ މައްސަލައިގައި ސަލްމާން އަށް ވަރުގަދަ އިންޒާރެއް!

އެމްއެފް ނިއުސް06 ފެބުރުއަރީ 2019 09:45

ތައިލެންޑްގައި ހިފަހައްޓާފައިވާ ބަހްރޭންގެ ފުޓްބޯޅަ ކުޅުންތެރިޔާ އަނބުރާ ބަހްރޭނަށް ފޮނުވައިފިނަމަ ފީފާގެ ނައިބް ރައީސް އަދި އޭޝިއަން ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ބަހްރޭން ގެ ޝެއިހް ސަލްމާން އަލް ހަލީފާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދުނިޔޭގެ ކުޅުންތެރިންގެ ޖަމްއިއްޔާ (ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަން) އިން ބުނެފި އެވެ.

ބަހްރޭންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެ ގައުމުގެ ޝާހީ އާއިލާ އަށް ފާޑުކިއުމުގެ ސަބަބުން އޭނާ އަލުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް ތައިލެންޑުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޮސްޓްރޭލިއާ އިން ހިމާޔަތް ހޯދާފައިވާ އަލް އަރާބީ އަނބުރާ ބަހްރޭނާއި ހަވާލުނުކުރުމަށް އެކިއެކި ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

ދުނިޔޭގެ 85 ހާހަށް ވުރެ ގިނަ އެތްލޭޓިން ތަމްސީލުކުރާ ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަން ގެ އެގްޒެކްޓިވް ޑިރެކްޓަރ ބްރެންޑަން ޝްވަބް ވިދާޅުވެފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުގެ ކުރިން އަލް އަރާބީ އާއި މެދު އޭއެފްސީ އަށް ގޮތެއް ނުނިންމިއްޖެނަމަ އޭނާގެ ކެންޑިޑެސީ ބާތިލު ކުރުމުގެ މައްސަލަ ފީފާ އަށް ހުށައަޅާނެ ކަމަށެވެ.

އަލް އަރާބީ ގެ މައްސަލައިގައި ފީފާގެ އިތުރުން އޮސްޓްރޭލިއާގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ކަމަކަށް އަލިމަގެއް ފެނިފައެއް ނުވެއެވެ. އަލް އަރާބީ ގަބޫލުކުރާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބަހްރޭންގެ ޝާހީ އާއިލާއަށް ފާޑު ކިއުމުގެ ސަބަބުންނެވެ. އޭއެފްސީ ގެ ރައީޝް ޝެއިހް ސަލްމާން އަކީ ބަހްރޭންގެ ޝާހީ އާއިލާގެ މެމްބަރެކެވެ.

ުދުނިޔޭގެ ކުޅުންތެރިންގެ ޖަމްއިއްޔާއިން މީގެ ކުރިން އޭއެފްސީގެ އަށް އަލް އަރާބީގެ މައްސަލައިގައި ސިޓީތަކެއް ފޮނުވާފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް އޭއެފްސީ އިން ދީފައެއް ނުވެއެވެ.

"ފާޢިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޝޭހް ސަލްމާންގެ ފަރާތުން އެއްވެސް ޖަވާބެއް މިކަމާއި ގުޅޭ ގޮތުން ލިބިފައެއް ނުވޭ. މިއީ ހަމަ ޔަގީނުންވެސް އޭނާ (ޝެއިހް ސަލްމާން) މިހާރު ހުރި މަގާމުން ޑިސްކޮލިފައި ކުރެވޭނެ ކަމެއް." ޝްވަބް ވިދާޅުވިއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com