ހަމްޕު އާއި ހޮކޭގެ އެގްރިމެންޓް އެފްއޭއެމް އިން ބާތިލު ކޮށްފި
ހަމްޒާ (ވ) އާއި މުހައްމަދު ރަޝީދު (ކ) ގެ އެގްރިމެންޓް އެފްއޭއެމް އިން ވަނީ މިއަދު އުވާލާފަ (ފޮޓޯ: އިބްރާހިމް ފާއިދު)

ހަމްޕު އާއި ހޮކޭގެ އެގްރިމެންޓް އެފްއޭއެމް އިން ބާތިލު ކޮށްފި

އެމްއެފް ނިއުސް06 ފެބުރުއަރީ 2019 21:59

މާލެ، ދިވެހިރާއްޖެ - ނިއު ރޭޑިއަންޓް އާއިއެކު ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ) ހަދާފައިވާ އެއްބަސްވުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޕްލޭޔާސް ސްޓޭޓަސް ކޮމިޓީން މިއަދު އުވާލައިފި އެވެ.

ހަމްޕު އާއި ހޮކޭގެ ކޮންޓްރެކްޓް މިއަދު އުވާލާފައިވަނީ ކްލަބާއިއެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް މި ދެ ކުޅުންތެރިންނަށް މުސާރަ ނުލިބޭތީ އެ ކޮންޓްރެކްޓް ބާތިލުކޮށްދިނުމަށް އެދި ދެ ކުޅުންތެރިން އެ މައްސަލަ އެފްއޭއެމް އަށް ހުށައެޅުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްޕު މި ސީޒަނުގައި ދެން ފެނުން އެންމެ ގާތީ މާޒިޔާ އިންނެވެ.

އެފްއޭއެމް ގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ހަމްޕުގެ ކޮންޓްރެކްޓް އުވާލިއިރު، އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ރޭޑިއަންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއީ އެ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ދިވެހި ރުފިޔާ ނުދީ އޮތުމުންނެވެ. އެފްއޭއެމުން ވަނީ ނިއު އިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ އެކު އެ ޓީމަށް ދީފައިވާ ސަސްޕެންޝަން ނަގާނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ނިއު އަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތަކެއްވެސް އެ ކުޅުންތެރިންވަނީ ފީފާ އަށް ހުށައަޅާފައެވެ.

މީގެ ކުރިން ނިއު ރޭޑިއަންޓްގެ އަލީ އަޝްފާގް އަށް މުސާރަ ނުދޭތީ ކޮންޓްރެކްޓް އުވާލަން އޭނާ ހުށައެޅުމުންވެސް ޕްލޭޔާސް ސްޓެޓަސް ކޮމިޓީން ވަނީ އޭނާގެ ކޮންޓްރެކްޓްވެސް އުވާލާފަ އެވެ. މީގެ އިތުރުން ކޮންޓްރެކްޓް ގައިވާ ގޮތަށް މުސާރަ ނުލިބޭ މައްސަލައެއް މިދިޔަ އަހަރު އިމްރާން މުހައްމަދު ހުށައެޅުމާއެކު އޭނާގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ނިއު އިން ވަނީ އޭނާގެ ކޮންޓްރެކްޓް އުވާލާފަ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com