އަމީރީގެ މުސާރަ ދިނުމަށް ފީފާއިން ނިއު އަށް މުހުލަތެއް ދީފި
ނިއު އަށް މިދިޔަ އަހަރު ކުޅުނު އަފްޣާނިސްތާންގެ ކުރީގެ ކެޕްޓަން އަމީރީ (ފޮޓޯ: އިބްރާހިމް ފާއިދު)

އަމީރީގެ މުސާރަ ދިނުމަށް ފީފާއިން ނިއު އަށް މުހުލަތެއް ދީފި

އެމްއެފް ނިއުސް07 ފެބުރުއަރީ 2019 14:15

މާލެ، ދިވެހިރާއްޖެ - މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރަ ނުދީ އޮތް މައްސަލަ ފީފާއިން ބަލާ 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ފީފާ އިން ނިއު ރޭޑިއަންޓަށް އަންގައިފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް ކަށަވަރު ވެފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި އަމީރީ އަށް ދޭން ޖެހޭ 13،250 އެމެރިކާ ޑޮލަރާއި އެ އަދަދުގެ %5 އިންޓަރެސްޓް ހިމެނެއެވެ. ފީފާ އިން ނިއު ރޭޑިއަންޓަށް އަންގާފައިވަނީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އިތުރުން ހެދިފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 30،130 އެމެރިކާ ޑޮލަރާއި އެ އަދަދުގެ %5 އިންޓަރެސްޓާއެކު ޖުމްލަ 45،636 އެމެރިކާ ޑޮލަރު (703،707.12) ދިވެހި ރުފިޔާ ނިއު ރޭޑިއަންޓުން އަމީރީ އަށް ދޭން ޖެހެއެވެ. އަދި މި ފައިސާ އަމީރީ އަށް ދިނުމަށްފަހު، ފައިސާ ދިންކަމުގެ ލިޔެކިއުންތައް ފީފާ އަށް ފޮނުވުމަށްވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ އެ ކްލަބަށް އަންގާފައެވެ.

ފީފާގެ ޑިސްޕިއުޓް ރެސޮލިއުޝަން ޗެމްބަރ އިން ނިންމާފައިވާ ނިންމުމުގައިވާ ގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ އަދަބެއްގެ ގޮތުން ތިން ސީޒަނަށް އެއްވެސް ކުޅުންތެރިއަކު ނިއު ރޭޑިއަންޓަށް ރަޖިސްޓްރީ ނުކުރެވޭނެ އެވެ.

މުސާރަ ކަންތަކުގައި ނިއު ރޭޑިއަންޓުން އަބަދުވެސް ދޮގު ހަދާފައިވާކަމަށް އެ ކްލަބް ދޫކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު އަމީރީ ރާއްޖެ ދޫކޮށް ފުރައިގެން ދަމުން ވަނީ ބުނެފައެވެ.

"ފެށުނީއްސުރެ މުސާރަ ކަންތަކުގައި ކްލަބުން ދިޔައީ ދޮގު ހަދަމުން. އަދިވެސް ދެ މަސް ދުވަހަށްވުރެ ދިގު މުއްދަތުގެ މުސާރަ ނުދީ އެބައޮތް. އަދި މިކަންތަކުގައި ވާހަކަ ދައްކަން ކްލަބުގެ އެއްވެސް ބަޔަކު ބޭނުންވިތަނެއް ނުފެނޭ." މޯލްޑިވްސްފުޓްބޯލް އަށް ވާހަކަ ދައްކަމުން އަމީރީ އޭރު ބުންޏެވެ.

"މުސާރަ ދިނީމަ ނުހިފާކަމަށް ބުނަނީ ކަނޑައެޅިގެން ދޮގެއް. މުސާރަ ދިން ނަމަ އޭގާ ނުހިފާންވީ ސަބަބެއް ނެތް. މުސާރަ ބަރާބަރަށް ނުލިބޭތީ އެ ޝަކުވާ އަބަދުވެސް މި ކުރެވެނީ. ދެން މުސާރަ ދިނީމަ އޭގަ ނުހިފާކަމަށް ބުނީމަ ގަބޫލެއް ނުކުރެވޭނެ." އިންޑިޔާގެ އައި ލީގުގައިވެސް ކުޅެފައިވާ އަމީރީ ބުންޏެވެ.

މޯލްޑިވްސްފުޓްބޯލް އަށް މިއަދު ވާހަކަ ދައްކަމުން އަމީރީ ބުނީ މުސާރަ ނުދޭކަމަށް އޭރު އޭނާ ބުނުމުން އެއީ ދޮގެއް ކަމަށް ނިއު ރޭޑިއަންޓުން ބުނި ނަމަވެސް އެއީ ދޮގެއް ކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com