އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް އަނެއްކާވެސް ކޮމިޓީއެއް އުފައްދަވައިފި
ކުޅިވަރާއި ބެހޭ މިނިސްޓަރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ވަހީދު (ފޮޓޯ: މިހާރު)

އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް އަނެއްކާވެސް ކޮމިޓީއެއް އުފައްދަވައިފި

އެމްއެފް ނިއުސް04 މާރޗް 2019 09:10

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅުން ހުރި މައްސަލަތައް ބެލުމަށް، ކުޅިވަރާއި ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ ވަހީދު "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީ އެއް އުފައްދަވައިފި އެވެ.

އަލީ ވަހީދު އިއްޔެ މި ކޮމިޓީ އުފެއްދެވިއިރު ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިބްރާހިމް ނޫރައްދީނެވެ. ދެން ކޮމިޓީގައި ހިމެނެނީ މިނިސްޓަރ މަހުލޫފް ކުރިން އުފެއްދެވި ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަހުމަދު ޝާހިރު އާއި ގާނޫނީ ވަކީލު ޝާހީން ހަމީދު އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތުގައި ގޭގައި މަޑުކުރަން ރައީސް އަންގަވާފައިވާ އަހުމަދު މަހުލޫފް އޮފީހަށް ނިކުންނެވިއިރު، މަހުލޫފް ވަނީ މިއަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިފައިވާތީ އެކަން ބެލުމަށްކަމަށް ބުނެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ފެކްޓް ފައިންޑިން ކޮމިޓީއެއް އެކުލަވާލުމާއެކުގައެވެ.

މިނިސްޓަރ މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމް އިން ވަނީ މިކަމުގައި އޭއެފްސީ އިން ދެކޭ ގޮތް ބެލުމަށް އޭރު އެދިފައެވެ. އަދި އޭގެ ޖަވާބުގައި އޭއެފްސީން ވަނީ އެފްއޭއެމްގެ ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެނޭވެކަމަށް ބުނެ އިންޒާރު ދީފައެވެ. މި އިންޒާރާއެކު މަހުލޫފް ވިދާޅުވީ އެ ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތެއް ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ކޮމިޓީގައި ހިމެނޭ އެއްވެސް މެމްބަރަކާއި ކޮމިޓީން ކުރަން ރާވާފައިވާ މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މައުމޫލާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މިނިސްޓަރ އަލީ ވަހީދު މިފަދަ ކޮމިޓީއެއް އުފެއްދެވިއިރު އެފްއޭއެމްގެ ލީޑަރޝިޕަށް އިތުބާރު ނުކުރެވޭކަމަށް ބުނެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށްއެދި ވިކްޓަރީ އިސްވެއޮވެ އިތުރު ކްލަބްތަކަކާއިއެކު ވަނީ އެފްއޭއެމް އަށް ހުށައަޅާފައެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު ކްލަބަކުން ސޮއި އަނބުރާ ގެނެސްފައިވާކަމަށް އެފްއޭއެމް އަށް ލިއުމުން އަންގާފައިވާއިރު އޭގައި ސޮއިކޮށްފައިވާ ބައެއް ކްލަބްތަކަކަކީ ޝަރުތު ހަމަނުވާ ކްލަބްތަކަކެކެވެ. އެހެންކަމުން އެ އިދާރާގެ އަސާސީ ގަވާއިދުގައިވާ މެޖޯރިޓީ ކްލަބްތަކުގެ ސޮއާއިއެކު އެފަދަ ކޮންގްރެސްއެއް ބޭއްވުމުގެ ހައިސިއްޔަތެއް މިހާރު އެފްއޭއެމްއަށް ނެތްކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާ އިން އެފްއޭއެމް އަށް އެޑްރެސްކޮށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކުޅިވަރާއި ބެހޭ މިނިސްޓްރީން އެފްއޭއެމް އަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި އެކަންތައްތައް އިތުރަށް ކުރިއަށްދާނަމަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށެވެ.

"ފީފާގެ އަސާސީ ގަވާއިދުގެ 14 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތަށް އެ އިދާރާގެ މެމްބަރ އެސޯސިއޭޝަންތައް ހިންގަން ޖެހޭނީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަން ކަމާއިއެކު ކަމަށެވެ. އެހެންކަމުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ފީފާގެ ސްޓޭޓިއުޓްސް އާއި އެއްގޮތްވާ ގޮތުގެ މަތިން އެއިދާރާގެ ގުނަވަންތަކަށް ފޮނުވާ އަަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި، އެކަމުގައި އެފްއޭއެމް ސަސްޕެންޑް ކުރުން ހިމެނޭ ކަމަށް." ފީފާ އިން އެފްއޭއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com