ނިއުގެ ހަމްޕު މާޒިޔާ އަށް ސޮއިކޮށްފި
ހަމްޕު (ކ) މާޒިޔާ އަށް ސޮއިކުރުމަށްފަހު އެ ޓީމުގެ ޗެއާމަން ސާޖިދުއާއެކު. --ފޮޓޯ: މާޒިޔާ

ނިއުގެ ހަމްޕު މާޒިޔާ އަށް ސޮއިކޮށްފި

އެމްއެފް ނިއުސް04 މާރޗް 2019 21:35

މާލެ، ދިވެހިރާއްޖެ - މިދިޔަ ފަސް އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާ އަށް ސޮއިކޮށްފިއެވެ.

ގައުމީ ޓީމާ އެކު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ހުނަރުވެރި މިޑްފީލްޑަރު ވަނީ މާޒިޔާއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ނިއުގެ އިތުރުން ގައުމީ ޓީމުގައިވެސް މިޑްފީލްޑްގެ އެކި މަގާމުތަކަށް ކުޅުމުގެ ގާބިލްކަން ލިބިފައިވާ އޭދަފުއްޓަށް އުފަން ހަމްޕު އެންމެ ފުރަތަމަ ވިދާލީ 2014 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއު އިންނެވެ. އޭގެފަހުން، ހަމްޕު ވަނީ ނިއު އަށް ގިނަ މެޗުތަކެއް ކުޅެދީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ނަމަވެސް، މިދިޔަ އަހަރު މާލީގޮތުން ނިއު އަށް ތަފާތު ގިނަ މައްސަލަތަކެއް ދިމާވުމުން އެ ޓީމު ދޫކޮށް މުހިއްމު ކުޅުންތެރިންތަކެއް ދިޔައިރު ހަމްޕު އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ މަހުގެ ކުރީކޮޅު އެފްއޭއެމް ގެ ޕްލޭޔާސް ސްޓޭޓަސް ކޮމިޓީންނެވެ. ހަމްޕުގެ ކޮންޓްރެކްޓް އުވާލީ ނިއުއާއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް މުސާރަ ނުލިބޭތީވެ އެ ކޮންޓްރެކްޓް ބާތިލްކޮށްދިނުމަށް އެދި އެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.

ހަމްޕު އަކީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެނެސްފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބް (މުލަކޭ) އާއީ ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އެވެ. މީގެއިތުރުން، އެ ޓީމަށް ކުޅެމުން އައި އަހުމަދު އިމާޒް (އާއްކޮ) އަދި ގާސިމް ސައްމާމް ގެ އެއްބަސްވުން އާ ނުކުރުމަށް މާޒިޔާ އިން ނިންމާފައިވާތީވެ މި ދެ ކުޅުންތެރިންވެސް އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com