އޭއެފްސީގެ ރައީސް ކަމަށް ވާދަކުރައްވާ ޔޫއޭއީގެ ސްޕޯޓްސް މިނިސްޓަރ ރުމެއިތީގެ ކެމްޕޭން މިއަދު ފަށަނީ
އޭއެފްސީގެ ރައީސް ކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް މުހައްމަދު ހަލްފާން އަލް ރުމެއިތީ (ފޮޓޯ: ރުމެއިތީ2019/ޓްވިޓަރ)

އޭއެފްސީގެ ރައީސް ކަމަށް ވާދަކުރައްވާ ޔޫއޭއީގެ ސްޕޯޓްސް މިނިސްޓަރ ރުމެއިތީގެ ކެމްޕޭން މިއަދު ފަށަނީ

އެމްއެފް ނިއުސް07 މާރޗް 2019 09:10

އަބޫ ދާބީ، ޔޫއޭއީ - އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގެ ރައީސް ކަމަށް ވާދަކުރައްވާ ޔޫއޭއީ ގެ މޭޖަރ ޖެނެރަލް މުހައްމަދު ހަލްފާން އަލް ރުމެއިތީގެ ކެމްޕޭން މިއަދު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށް ރުމެއިތީގެ ކެމްޕޭން އޮފީހުން ހާމަކޮށްފި އެވެ.

2013 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބަހްރޭންގެ ޝާހީ އާއިލާގެ މެމްބަރ ޝެއިހް ސަލްމާމް ބިން އިބްރާހިމް އަލް ޚަލީފާ އާއި ވާދަކުރައްވަން އަލް ރުމެއިތީ ނިންމެވުމުގެ ކުރިން ގިނަ ބަޔަކަށް ގަބޫލުކުރެވިފައިއޮތީ ޝެއިހް ސަލްމާން އާއި ވާދަކުރައްވާނީ ސައުދީ އަރަބިއްޔާގެ ކެންޑިޑޭޓެއް ކަމަށެވެ.

ނަމަވެސް ޔޫއޭއީގެ ކުޅިވަރާއި ބެހޭ އެންމެ އިސް ވުޒާރާ، ޖެނެރަލް އޮތޯރިޓީ ފޯ ޔޫތް ސްޕޯޓްސް އެންޑް ވެލްފެއާގެ ޗެއާމަން ކަމުގެ މަގާމުގެ އިތުރުން ޔޫއޭއީގެ ފުލުހުންގެ ކޮމާންޑަރ އިން ޗީފްގެ މަގާމުވެސް ފުރުއްވާފައިވާ ރުމެއިތީ އޭއެފްސީގެ ރައީސް ކަމަށް ވާދަކުރައްވާނެކަމަށް އިއުލާންކޮށް ކެންޑިޑެސީ ހުށައެޅުމާއެކު ގިނަބަޔަކަށް ލިބިގެންގޮސްފައިވަނީ ކުއްލި ސިހުމެކެވެ. 2008 އިން 2011 އަށް ޔޫއޭއީގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ކަން ކުރެއްވުމުގެ އިތުރުން އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓިގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ރުމެއިތީ ވަނީ ދާދި ފަހުން ޔޫއޭއީގައި ނިމިގެންދިޔަ އޭޝިއަން ކަޕްގެ ލޯކަން އޮގަނައިޒިން ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމް ވެސް ފުރުއްވާފަ އެވެ.

ޔޫއޭއީގެ ޖެނެރަލް އޮތޯރިޓޯ ފޯ ޔޫތް ސްޕޯޓްސް އެންޑް ވެލްފެއާ އަކީ އެ ގައުމުގެ ކުޅިވަރާއި ބެހޭ ކަންތައްތައް ނިންމާ ސަރުކާރުގެ އެންމެ މަތީ ވުޒާރާ އެވެ. އެގޮތުން މަތީ ފަންތީގެ ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމާއި އެފަދަ ކަންތައްތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ދިރާސާތައް ކޮށް އެކަންކަން ތަންފީޒުކުރުމަކީ އެ ވުޒާރާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރުމެއިތީ ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12 ޖަހާއިރު އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com