ލިލީ ވެސް މާޒިޔާ އަށް ބަދަލުވެއްޖެ
މާޒިޔާ އަށް ބަދަލުވުމަށްފަހު ލިލީ އެ ޓީމުގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: މާޒިޔާ

ލިލީ ވެސް މާޒިޔާ އަށް ބަދަލުވެއްޖެ

އެމްއެފް ނިއުސް08 މާރޗް 2019 21:35

މާލެ، ދިވެހިރާއްޖެ - މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ވެސް މާޒިޔާ އަށް ބަދަލުވެއްޖެއެވެ.

ޅ. ހިންނަވަރަށް އުފަން އުމުރުން 30 އަހަރުގެ ލިލީ ގެ ފުޓްބޯޅަ ކެރިއަރު ފެށީ 2009 ވަނަ އަހަރު ނިއު އިންނެވެ. އެ ކްލަބުގައި ހަ އަހަރު ހޭދަކުރުމަށްފަހު 2016 ވަނަ އަހަރުގެ ސީޒަނަށް އޭނާ ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. އޭގެފަހުން، ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ އެނބުރި ނިއު އަށް ބަދަލުވެފައެވެ.

ލިލީ އަކީ ޑިފެންސްގެ ކޮންމެ މަގާމަކަށްވެސް އިތުބާރާއެކު ކުޅެވުމުގެ ގާބިލްކަން ހުރި ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރުން އޭނާ ފާހަގަކުރެވިފައިވަނީ މުހިއްމު ދަނޑިވަޅުގައި ލަނޑުޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ލިލީ ވަނީ ގައުމީ ޓީމަށް ކުޅެން ފެށިފަހުން ގަވާއިދުން ޓީމުން ޖާގަ ހޯދައިފައެވެ. ނަމަވެސް، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާއި މިހާރުގެ ކޯޗު ޕީޓަ ސެގާޓް ހަވާލުވިފަހުން ލިލީ އަށް ޓީމުން ފުރުޞަތުލިބިފައެއްނުވެއެވެ. އެގޮތުން، ރާއްޖޭގެ ގައުމީ ޓީމު އެންމެފަހުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގައި އޭނާ ހިމެނިފައެއްނުވެއެވެ.

ލިލީގެ އިތުރުން މާޒިޔާއިން ވަނީ ނިއު އަށް ނިމިދިޔަ ސީޒަނުގައި ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ އަދި ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ރަނގަޅު ކުޅުމެއް ދައްކައި އެންމެފަހުގެ ސާފް ސުޒުކީ ކަޕްގައި ގައުމީ ޓީމުގައި މޮޅުކުޅުމެއް ދެއްކި ހުސެއިން ނިހާން (ނިހާޓް) ވެސް އެ ޓީމަށް ގެނެސްފައެވެ.

މިހާތަނަށް އައިއިރު މާޒިޔާއާ އަލަށް ހަތަރު ކުޅުންތެރިއަކު ގުޅުނުއިރު އެ ޓީމަށް ފާއިތުވި ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މަޑުކުރާނެކަމަށް ބެލެވެއެވެ. އެގޮތުން، މާޒިޔާ އަށް ކުޅެމުން އަންނަ އިތުބާރު މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ކުޅުންތެރިން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ބަދަލުވި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ސޮއިކުރި އިސްމާއިލް އީސާ (މެސީ) އަދި ކްލަބް ގްރީން ސްޓްރީޓްސް އާ ގުޅުނު ގާސިމް ސައްމާމު (ސައްމެ) އެވެ. މީގެއިތުރުން، މާޒިޔާގެ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އެ ޓީމު ދޫކޮށްލުމަށްފަހު ދަ ގްރާންޑޭގެ ކޯޗުކަމާއި ހަވާލުވެފައެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com