ޓީސީ ދޫކޮށް ބެންޖޯ ވެސް މާޒިޔާ އަށް
ބެންޖޯ މާޒިޔާ އަށް ސޮއި ކުރުމަށްފަހު އެ ޓީމުގެ ޖާޒީ ދައްކާލަނީ (ފޮޓޯ: މާޒިޔާ)

ޓީސީ ދޫކޮށް ބެންޖޯ ވެސް މާޒިޔާ އަށް

އެމްއެފް ނިއުސް13 މާރޗް 2019 08:50

މާލެ، ދިވެހިރާއްޖެ - ފާއިތުވެދިޔަ ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފި އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން ކުރަމުންދާ މަސައްކަތުގައި މިއީ އެ ޓީމަށް ގެންދިޔަ ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުންވަނީ ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ހަމްޒާ މުހައްމަދު އާއި އަހުމަދު އަބްދުﷲ އާއި ޓީސީގެ އިބްރާހިމް ވަހީދު ހަސަން ގެ އިތުރުން ވިކްޓަރީގެ ހުސެއިން ނިހާން އެ ޓީމަށް ގެންގޮސްފަ އެވެ.

2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާއި ގުޅުނު ބެންޖޯ ވަނީ މީގެ ކުރިން ވީބީ އައްޑޫ އެފްސީ އާއި އައިއެފްސީ އާއި ކްލަބް ވެލެންސިއާ ގެ އިތުރުން ކްލަބް އީގަލްސް އަށް ވެސް ކުޅެފައެވެ. 2017 ވަނަ އަހަރު ބަންގްލަދޭޝް ގައި އޮތް ޝޭހް ކަމާލް އިންޓަނޭޝަނަލް ކަޕް ގެ އިތުރުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޓީސީން ކާމިޔާބުކުރިއިރު ބެންޖޯ އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

މާޒިޔާ އަށް ފަސް ކުޅުންތެރިއަކު ގެނެސްފައިވާއިރު އެ ޓީމުން ވަނީ މިދިޔަ އަހަރު ކުޅުނު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާ އެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އިރުފާން، ހަސަން ޝިފާޒް ގެ އިތުުރުން މޫސާ ޔާމީން ހިމެނެއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ކުޅުންތެރިން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ބަދަލުވި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ސޮއިކުރި އިސްމާއިލް އީސާ (މެސީ) އަދި ކްލަބް ގްރީން ސްޓްރީޓްސް އާ ގުޅުނު ގާސިމް ސައްމާމު (ސައްމެ) އެވެ. މީގެއިތުރުން، މާޒިޔާގެ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އެ ޓީމު ދޫކޮށްލުމަށްފަހު ދަ ގްރާންޑޭގެ ކޯޗުކަމާއި ހަވާލުވެފައެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com